Friday, April 4, 2008

ޖަންކްޝަން އެޅުމުގެ މަސައްކަތްކުރި ފަރާތްތަކަށް ލިބެންވާ އުޖޫރަނުލިބިގެން އެފަރާތްތަކުން އެކަމާ ޝަކުވާކުރަން ފަށައިފި


މަނަދޫގައި ޤާއިމްކުރެވެމުންދާ ނަރުދަމާ ނިޒާމްގެ ދަށުން ގޭގޭގައި ބަހައްޓާ ޖަންކްޝަންތައް އެޅުމުގެ މަސައްކަތް ކުރި ކޮންޓްރެކްޓަރުންނަށް،މަސައްކަތުގެ އުޖޫރަނުލިބޭ ކަމަށް ބުނެ އެކަމާއި ޝަކުވާކޮށް ނުރުހުން ފާޅުކުރަންފަށައިފިއެވެ.އަދި މަސައްކަތުގެ އަގު ދިނުމަށްފަހުގައި ނޫނީ ޖަންކްޝަންތައް ފެއްތުމުގެ މަސައްކަތް ފަށައިގެންނުވާނޭ ކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.



މި މަސައްކަތްކޮށް ފައިވަނީ މަނަދޫގެ އަމިއްލަ ހަތަރު ކުންފުންޏަކުންނެވެ.އެއީ ނޫރުވާދީ އިބްރާޙިމް އަސްލަމްގެ ޑެއިލީ ނިއު ކޮންސްޓްރަކްޝަން،ނޫރީގޭ ހުސެން ޝިޔާމްގެ އޯޝަން ލިންކް،ހިޔާ މުޙައްމަދު މާހިދުގެ ވުޑްހިޔާ ވޯކްސް އަދި ހުސްނުހީނާގޭ އަބުދުﷲ ޖިނާހުއެވެ.މިކަމާގުޅޭގޮތުން އެމް އޯ ގެ ފަރާތުން ބައެއް ކޮންޓްރެކްޓަރުންނާއި ވާހަކަ ދައްކާލުމުން އެފަރާތްތަކުން ބުނީ ޖަންކްޝަންތައް އަޅާ،ގެންދަންވާ ތަންތަނަށް ގެންގޮސް ނިމި،ބިލްވެސް ލައިފާވާނޭ ކަމަށާއި އަދިވެސް ބިލަށް ފައިސާނުލިބޭކަމަށެވެ.އަދި ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކުންފުނިތަކަށް ބޮޑަތި ދަތިތަކާއި ކުރިމަތިލާންޖެހޭކަމަށްވެސް އެފަރާތްތަކުން ވިދާޅުވިއެވެ.


މިފައިސާ ދިނުން ލަސްވަނީ ކީއްވެގެންތޯ ސުވާލުކޮށްލުމުން،މަނަދޫގައި ހުންނަ ޔުނޮޕްސްގެ އިންޖިނޭރު މިސްޓަރ އިންޑިކާ ވިދާޅުވީ ނަރުދަމާ ނިޒާމުގެ މަސައްކަތް ބެލެހެއްޓުމަށްޓަކާ ރައްޔިތުން ހޮވާފައިވާ އެގްޒެކްޓިވް ކޮމެޓީއަށް،ބޭންކް އޮފް މޯލްޑިވްސް މަނަދޫ ބްރާންޗްގައި އެކައުންޓެއްހުޅުވުމަށް އަންގަވާފައިވާނެ ކަމަށާއި އަދިވެސް އެކައުންޓް ނުހުޅުވާކަމަށެވެ.އަދި އެކައުންޓް ނުހުޅުވާތީ ފައިސާ ދޫނުކޮށް ހުރީކަމަށާއި އެކައުންޓް ހުޅުވިހާ އަވަހަކަށް އެފައިސާ ހަވާލުކުރާނެކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.


މިކަމާގުޅިގެން އެގްޒެކްޓިވް ކޮމެޓީން ވިދާޅުވަނީ އެކައުންޓް ހުޅުވުމުގައި ޤާނޫނީ ޙައިސިއްޔަތެއް އޮންނަންޖެހޭތީވެ ސަރުކާރުގެ ކަމާބެހޭ ފަރާތައް އެކައުންޓް ހުޅުވުމުގެ ހުއްދަ ހޯދުމަށް އެދިފައިވާނެކަށާއި އަދި އެހުއްދަލިބުނުހާ އަވަހަކަށް އެކައުންޓް ހުޅުވާ ކޮންޓްރެކްޓަރުންނަށް ފައިސާ ހަވާލުކުރާނޭ ކަމަށެވެ.


No comments:

Haveeru Online