Friday, March 14, 2008

މަނަދޫ ރައްޔިތުންނާ އަތޮޅުވެރިޔާ ބައްދަލު ކުރައްވައިފި


ނ. އަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް އަބުދުﷲ ޚަލީލް ރޭ މަނަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަތޮޅުވެރިން އަލި އަޅުވައިލެއްވީ މަނަދޫގެ މައި މަގެއްކަމުގައިވާ ސޯސަން މަގު ކަށިމަސް ތުނޑިއާއި ދިމާއިން ފޫދުއްވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ގޮތަކާއިމެދު މަސްވަރާ ކުރުމާއި އަދި މަނަދޫގެ މޫނުމަތި ކަމުގައިވާ ބަނދަރު ރީތި ކުރުމާއި ބެހޭ ގޮތުންނެވެ.


އަތޮޅު ވެރިޔާގެ ވާހަކަފުޅުގައި ސޯސަންމަގު ފޫދުއްވާލުމަށްޓަކައި އަތޮޅުގައި ތަރައްޤީ ކުރަމުން އަންނަ ރިސޯޓެއްކަމުގައިވާ މެދުފުށީގައި ބޭނުން ކުރާ ބައެއް ވެހިކަލްތައް ގެނެވިދާނެ ކަމާއި އަދި އެއަށް ބޭނުންވާ ތެލުގެ ޚަރަދު އަތޮޅު އޮފީހުން ހަމަޖައްސައިދޭނެ ކަމުގައި ވިދާޅުއެވެ.


މީގެ އިތުރުން މަނަދޫ މޫނުމަތި ރީތި ކުރުމަށްޓަކައި ބަނދަރުމަތި ރީތި ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ވާހަކަވެސް ދެއްކެވިއެވެ. މިގޮތުން ބަނދަރުމަތީ ޕާކުތައް ޒަމާނީ ފެންވަރަށް ހެދުމާއި ކުޑަކުދިންގެ ޕާކެއް ހެދުމަށް ވާހަކަ ދެކެވުނެވެ.


އަތޮޅުވެރިޔާގެ ވާހަކަފުޅުގައި މަނަދޫ ކަރަންޓްގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ގެންނަ 200 ކިލޯގެ ޖެނެރޭޓަރ މިހާރު ހުރީ މާލެ ގެނެވި ކަސްޓަމްސްގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މަނަދޫގައި ގެވަޅު ދިނުމުގެ ކަންތައްތައްވެސް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި އެންމެހާ ކަމެއްގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާނެކަމުގައިވެސް ވިދާޅުވިއެވެ.

No comments:

Haveeru Online