Tuesday, March 18, 2008

މަނަދޫގެ ދުލުން


ލިޔުނީ: -އސ- (cyber.cop@live.com)


އަހަރެންނަށް ލިބިފާ މިތިބީ ކޮންފަދަ ކަންނެތް ދަރިންތަކެއްހެއްޔެވެ؟ މުރާލި އަދި ކަމެއް ކޮށްދެވޭ ވަރުގެ ދަރިންތަކެއް ލިބުނީތީވެ އެކުދިންވެސް އަހަރެން ދޫކޮށްލައިފާ ދުރަށް ގޮސްފިއެވެ. އަހަރެންގެ ވަށައިގެންވާ އަވަށްޓެރިންނާއި އެހެންވެސް ރަށްރަށަށް އެތަންތަނުގެ ދަރިން ކޮށްދެމުން އަންނަ ހިދުމަތްތައް ބަލަން އަހަރެން މިއޮންނަނީ ފެންކަޅިވެފައެވެ. އެކަމަކު އަހަރެންގެވެސް 1600 އަށްވުރެ ގިނަ ދަރިން އެބަތިއްބެވެ. އަހަރެންނަށްޓަކައި ކޮށްދޭ އެއްކަމެއްވެސް ނެތެވެ.
އަހަރެންގެ މަގަތުގައި އޮތް މިލަދޫ ފަޅުގައި ބޮޑުހިލަ ޖަހާތަން ދެކެފީމެވެ. ކުރިމަތީއޮތް ކެނދިކުޅުދޫގައި އޭ ލެވެލް ކިޔަވައިދޭން ފެށި ހަބަރު އަޑުއަހައިފީމެވެ. މޭނާ ސްކޫލްގައި މިއަހަރު އޭ ލެވެލް އަށް ކިޔަވާދޭން ފަށާ ވާހަކަވެސް އެބަ އިވެއެވެ. ސްޓޭޑިއަމް ކެނދިކުޅުދޫއަށް ގެންދިޔައީ އަހަރެން އެކަމަށް ރޮއިރޮއި އޮށްވައެވެ. އަތޮޅު ތައުލީމީ މަރުކަޒު ވެލިދޫގައި އެޅީ އަހަރެން އެކަމަށް ސަރުތު ހަމަނުވާތީތޯއެވެ؟ އަހަރެން ބުމުގެ ގޮތުން ކުޑައީބާވައެވެ؟ ދުވަހުން ދުވަހަށް ބަދަލުވަނީ އަހަރެންގެ ދަރިންނެވެ. އަހަރެން ޒީނަތްތެރިކޮށް އަހަރެންނަށް ރީތިނަމެއް ހޯދައިދެވޭތޯ ބަލަނީ ކޮންދަރިއެއްތޯ؟
މި ހިތާމައިގައި އަހަރެން ކެތްކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ. އެހެން މީހުން އެމީހުންގެ ރަށާއި ޤައުމުދެކެ ލޯބިވެއެވެ. ފަހުރުވެރިވެއެވެ. އެކަމަކު އަހަރެންނަށް މިއޮތީ ދިމާ އިދިކޮޅެވެ. " ޤައުމު ތިމާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ނާހާށެވެ. ތިމާ ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާށެވެ" . އެކަމަކު އަހަރެންގެ ދަރިން އަބަދުވެސް ސަކުވާ ކުރަނީ އަހަރެން ކަންތައްތައް ނުކޮށްދީގެންނެވެ. ދުވަހަކުވެސް އެއިން ދަރިޔަކު އަހަރެންނަށްޓަކައި ކޮށްދޭންވީ ކޮންކަމެއްތޯ ނާހާނެއެވެ. އަހަރެންގެ ދަރިން އަހަރެންނާ އަޅާލައި ހިދުމަތްކޮށްދޭނީ ކޮންދުވަހަކުންބާވައެވެ؟ މާތް ރަސްކަލާނގެ އެފަދަ ދުވަހެއް އަވަސް މުސްތަޤުބަލެއްގައި ދައްކަވާށިއެވެ. އާމީން.

No comments:

Haveeru Online