Thursday, March 20, 2008

ހެނބަދޫގައި އަންހެން ކުއްޖެއް މަރާލި އަހުމަދު އަބުދުއްސައްތާރު މާލެ ގެންދިއުމަށްޓަކައި ކުޅުދުއްފުށްޓަށް ގެންގޮސްފި


ހެނބަދޫގައި މިދިޔަ ހަފްތާގެ ތެރޭގައި ވަޅިން ހަމަލާދީ އަންހެން ކުއްޖެއް މަރާލި އަހުމަދު އަބުދުއްސައްތާރު މާލެ ގެންދިއުމަށްޓަކައި ކުޅުދުއްފުށްޓަށް ގެންގޮސްފިއެވެ. އަހުމަދު އަބުދުއްސައްތާރު ކުޅުދުއްފުއްޓަށް މިގެންދެވުނީ ހަނިމާދޫއިން ވައިގެ މަގުން މާލެ ގެންދިއުމަށްޓަކައެވެ.

ނ. ހެނބަދޫގައި ވަޅިއަކުން ހަމާލާދީ މަރާލި އަންހެންކުއްޖާއަށް ކުރިންވެސް މަރުގެ އިންޒާރުދީފައިވާ ކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ. މިހާދިސާގައި ޒަޚަމްވުމާއި ގުޅިގެން ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ ނ.ހެނބަދޫ ފުސްފަރު ޢުމުރުން 17 އަހަރުގެ ނަދީމާ އިސްމާއީލްއެވެ. އޭނާއަށް ވަޅިއަކުން ހަމަލާދީފައިވަނީ އެރަށު ހީނާމާގޭ އުމުރުން 24 އަހަރުގެ އަހުމަދު އަބްދުއްސައްތާރުއެވެ. ނަދީމާގެ އާއިލާގެ ފަރާތުން މުހައްމަދު ބުނީ ނަދީމާއަށް ހަމަލާދޭނެ ކަމަށް ނަދީމާގެ ގާތިލު އަހުމަދު އަބްދުއްސައްތާރު މީގެ 15 ވަރަކަށް ދުވަސްކުރިން ބުނެފައިވާ ކަމަށެވެ. އަދި އެކަންތައް ރަށުއޮފީހަށް ތަކުރާރުކޮށް އެތައްފަހަރަކު އަންގާފައިވެސް ވާނެ ކަމަށެވެ. ނަމަވެސް ރަށުއޮފީހުން މިކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާ ކަމަށް ބުންޏެވެ. "އޭނަ ދައްތަ ހެނބަދޫ އޮފީހުގެ ކަތީބު ގާތަށްގޮސް ކިތައްމެ ދުވަހަކު ބުނެފަ އޮތީ ކަތީބޫއޭ މިހެން މިހެން މިބުނާ ފިރިހެން ކުއްޖަކު ބުނެފިޔޭ، ރަނގަޅު ތާކުން ފެނިއްޖެއްޔާ މަރާލާނަމޭ، އަނެއްކާ އެތައް ދުވަހަކު އެމީހުންނާއި ދިމާއަށް ވަޅިވެސް ދިއްކުރިކަން ބައިވަރު މީހުންނަށް ފެނިފަ އެބަހުރި، އިއްޔެ އަނެއްކާ މިކަން ހިންގުމުގެ ކުރީގަ ހެނދުނު ކޮޅު އޭނަގެ ދައްތައަކާ ދިމާއަށް ވަޅި ދިއްކޮށްފަ ބިރުގަނޭހޭ ކިޔާފަ ދިޔައީ" ނަދީމާ ދައްތަގެ ފިރިމީހާ ބުންޏެވެ.އިއްޔެ ހިނގި މިހާދިސާގައި ނަދީމާ ބަނޑަށް ވަޅިއަކުން ހަމަލާދިނުމުގެ ސަބަބުން ވަރަށްބޮޑަށް ވަނީ ކަފައިގެން ގޮސްފައި ކަމަށް އެއާއިލާއިން މައުލޫމާތުދެއެވެ. އަދި ވަޅިން ނަދީމާގެ ކަރަށާއި މޭމައްޗަށާއި ބުރަކަށްޓަށްވެސް ހަމަލާދީފައިވާ ކަމަށް އާއިލާއިން މައުލޫމާތުދެއެވެ. މިހާދިސާއާ ގުޅިގެން ނަދީމާ އެންމެ ފުރަތަމަ ގެންދެވުނީ އެއަތޮޅު ކުޅުދުއަށް ކަމަށާއި ކުޅުދޫ ޖެޓީމައްޗަށް ނަދީމާ ބޭލިއިރުވެސް އެމްބިއުލޭންސް ގެނެސްފައިނުވާތީ ދެން ފުރައިގެން ދިޔައީ މަނަދުއަށް ކަމަށާއި ނަމަވެސް ހާލު ސީރިއަސްކަމުންނާއި މަނަދޫއިން ފަރުވާދެވެން ނެތުމުން ,ރ. އުނގޫފާރަށް ގެންގޮސްފައި ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.
މިހާދިސާގައި ނަދީމާއަށް ހަމަލާދިން އަހުމަދު އަބްދުއްސައްތާރަކީ ނަދީމާ އާ ރަށްޓެހިވެގެން ކުރިން އުޅުނު މީހެއް ކަމަށާއި މިދެ މީހުންގެ މެދުގައި ޖެހުނު މައްސަލައެއްގައި އަހުމަދު އަބްދުއްސައްތާރުވަނީ ދަންޖެހެންވެސް މަސައްކަތްކޮށްފައި ކަމަށް އެއާއިލާއިން މައުލުމަތުދެއެވެ. ނާދީމާ އޭނަޔާ ރުޅިވީ މިފަދަ މީހަކާއެކީ އިންދެގެން ނުއުޅެވޭނެ ކަމަށް ނަދީމާއަށް ފެނިގެން ކަމަށްވެސް އެއާއިލާއިން މައުލޫމާތުދެއެވެ.މިކަމާ ބެހޭގޮތުން ހެނބަދޫ ކަތީބު އަބްދުﷲ ސުލޭމާނު ވިދާޅުވީ ނަދީމާ މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ކުރިން އާއިލާއިން ރަށު އޮފީހަށް އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ނަދީމާގެ ކާފައަށް ހިނގުމަށް އުނދަގޫވާގޮތަށް މާ ކައިރިން އަހުމަދު އަބްދުއްސައްތާރު ބައިސިކަލް ދުއްވާތީ ކާފަ ރަށުއޮފީހަށް އައިސް އެވާހަކަ ދައްކާފައިވާ ކަމަށް ކަތީބު ވިދާޅުވިއެވެ."މަރުގެ އިންޒާރުދިން ކަމަކަށް ނުބުނޭ، އޭނަގެ ކާފަ މިތަނަށް އައި އޭނަޔާ މާ ކައިރިން ބައިސިކަލް ދުއްވާތީ އާ ގެޔަށް ވަންނަން އުޅޭއިރު ދަތިވާގޮތައް ބައިސިކަލް ދުއްވާތީ، އެކަމާ އަޅުގަނޑު މަސައްކަތް ކުރިން ފަހުން އޭނަ ބުނި މިހާރު ވަރަށް ދައްކަތޭ އެކަންތައް" އަބްދުﷲ ސުލޭމާނު ވިދާޅުވިއެވެ. ކަތީބު ވިދާޅުވީ ނަދީމާގެ ގާތިލް އަހުމަދު އަބްދުއްސައްތާރަކީ އޭނާގެ ދޮން ދަރިއެއް ކަމަށެވެ. އަދި ވަރަށް ގިނަ ގޮތްގޮތުން އަހުމަދު އަބްދުއް ސައްތާރަށް ނަސޭހަތްދީ އަދި އޭނާގެ އަހްލީގީ ފެންވަރުދަށްކަމުން އޭނާގެ އާއިލާގެ މީހުންނާވެސް ވާހަކަ ދައްކައި ނަސޭހަތްދީ ހަދާފައިވާނެ ކަމަށެވެ. ނަމަވެސް އަހުމަދު އަބްދުއްސައްތާރުގެ އަހްލާގީ ފެންވަރުދަށްކަމުން އޭނާގެ އާއިލާއިންވެސް އޭނާއާ ގުޅުން ކަނޑާލާފައިވާ ކަމަށް ކަތީބު ވިދާޅުވިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ހިނބަދޫ މަގުމަތީގައި ކަމަށެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ނަދީމާއަށް މަރުގެ އިންޒާރެއް ކުރިން ދީފައިވާ ކަމަށް ފުލުހުންނަށް އެނގިފައިނުވާ ކަމަށެވެ.

No comments:

Haveeru Online